ދިވެހި ރައްޔިތަކަށްވެހުރެ އިސްލާމްދީނާ ދެކޮޅަށް ތަފާތު އެކިވާހަތައް ދައްކާ ދެއްކުން ހުއްޓުވަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ، ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި އެހެންބައެއް ޤާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މިފަދަ ކަންތައްތައް ހުއްޓުވަން ޖެހޭ ކަަމަށެވެ. “ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލައި ދިވެހި ޤައުމުގައި ފާޙިޝު ކަންކަން ފެތުރުމަށް ވަކިބަޔަކު ތަކުރާރުކޮށް މަސައްކަތްކުރަމުންދާކަމީ ފެންނަން އޮތް ހަޤީގަތެއް. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން އިސްވެ ތިބެގެން މިފަދަ ޢަމަލުތަކަށް ހިތްވަރުދޭ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް” އަބްދުއްރަޙީމް ވިދާޅުވިއެވެ. ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވާ އެމްޑީޕީ ފަދަ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު މިފަދަ ކަންކަމަށް ހިތްވަރުދޭދިނުމަކީ ދިވެހި ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމަށެވެ. އެއް ޖިންސުން ކައިވެނިކުރުން ހުއްދަކޮށް ޔޫރަޕްގެ ޤައުމަކުން ނިންމި ނިންމުމަށް ތާޢީދުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ.މުހައްމަދު ޝަހީދު ކުރައްވާފައިވާ ޓުވީޓުތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަޙީމް ވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.