ކުށެއްނެތި މީހުން ހައްޔަރު ކުރުމާއި، ޝަރީޢަތަށް ބާރު ފޯރުވުމަކީ ވެސް އަނިޔާއެއް ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ
މިއަދު މައުމޫނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީވެސް އަނިޔާއެއްކަމުގައެވެ. މައުމޫނުގެ ޓުވިޓުގައި ވަކި މީހެއްގެ ނަން ބުނެފައި ނެތްނަމަވެސް މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުންނަށް އިޝާރަތްކުރައްވައި މައުމޫނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން އުފުލައި އެ ދެ މައްސަލައިގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާ ދަނޑިވަޅެއްގައެވެ
މައުމޫނު އަބްދުލް ގައްޔޫމު، ފަހަކަށް އައިސް ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންދާއިރު މި ސަރުކާރުގައި ކޮރޮޕްޝަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫޢުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައީސް މައުމޫން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި މީގެ ކުރިން މައުމޫނު ވަނީ ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒް ފޯރުވާ ކަމަށާއި އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް ވަނީ އެކެއްގެ މުށު ތެރޭގައި ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ