ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤުއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ މި ފަހުމުނާމާއަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިޚާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާ އެއްކަމަށެވެ . އަދި މިއީ އިލެކްޝަންސް ކޮމިޝަންސްގެ ސަލާމަތީ ކަންކަމާއި އިންތިޚާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އެ ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތަކާ ހަމަތައް ބަޔާންކުރާ ފަހުމުނާމާއެއް ކަމުގައި ފުއާދު ތަޢުފީޤު ވިދާޅުވިއެވެ.