English Edition
Dhivehi Edition

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތްތަކަށް މިއައި ކުރިއެރުމަކީ ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީންގެ މިންނެތް މަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ގދ. ތިނަދޫގައި ރޭ ބޭއްވި “ހެއްޔޯސާ” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާޑު ވިދާޅުވީ ޕީޕީއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނުތާ މިހާރު ހަ އަހަރު ވިނަމަވެސް ޕާޓިގެ ހަރަކާތްތައް މަޑުޖެހިފައިވަނިކޮށް މުސްތަޝާރު ރައީސް ޔާމީން ޕާޓީ ހިންގުމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ސިޔާސީ ހަރަކާތްތައް ޕީޕީއެމްގައި އިތުރުވެގެން ދިޔަކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ ރައީސް ޔާމީންގެ ތަޞައްވަރެއް ރާއްޖެއާމެދު އެބަ އޮތްކަމަށާއި، އެކަން މިދިޔަ 4 އަހަރުގެ ތެރޭގައި ގެނަސްދެއްވި ތަރައްޤީއިން ސާފުވެގެން ހިނގައްޖެކަމަށެވެ. އަދި ތިނަދޫގައި ބޭއްވި “ހެއްޔޯސާ” ޖަލްސާއަށް ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އައުމުން އެކަމުން ދޭހަވެގެންދަނީ ރައީސް ޔާމީންގެ މަސައްކަތައް މަރުހަބާއާއެކު ޝުކުރުވެރިވާކަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ވަފުދު ތިނަދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުންގެ ފަރާތުން ފެނުނީ ތިނަދޫއަށް ފާއިތުވެ ދިޔަ 4 އަހަރުގެ ތެރޭގައި އައި ތަރައްޤީއާމެދު ހިތް ހަމަޖެހި، ހިނިތުންވެފައި ތިބި މަންޒަރުކަމަށެވެ.

“މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ތިނަދޫގެ ރައްޔިތުން މި ސަރުކާރާއި މި ޕާޓީއާއެކު ތިއްބެވި މަންޒަރު. މިއީ ބޮޑު މަންޒަރެއް. މިއީ ބޮޑު މަންޒަރެއް. މީގެން ހާމަ ވެގެން މިދަނީ އިއްޒައްތެރި ރައިސުލް ޖުމްހޫރިއްޔާ، ސަރުކާރުގެ ޒައާމަތުގައި ހުންނަވައިގެން މި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ގިނަ ގުނަ މަސައްކަތްތައް. މިރާއްޖޭގެ ރައްޔިތުން އެމަނިކުފާނާއި ސަރުކާރާއި އެމަނިކުފާނާއެކު ތިއްބެވި ކަން.” މެމްބަރު ޝާޑު ވިދާޅުވިއެވެ.
އަދި ނިމިދިޔަ 4 އަހަރުގެ ތެރޭގައި ތިނަދޫއަށް ރައީސް ޔާމީން ގެނަސްދެއްވި ތަރައްޤީ ފާހަގަކުރައްވަމުން މެމްބަރު ޝާހިދު ވިދާޅުވީ މިހާރަށްވުރެއް ބޮޑު އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ލިބޭނަމަ އެރަށުގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތައް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
“އަދިވެސް ތަރައްޤީގެ މަސައްކަތްތައް އޮތީ ކުރިއަށް. މިއީ ވަކި ފަރުދަކަށް އަޅުގަނޑުމެންގެ ސަރުކާރުން ކޮށްދެއްވާ މަސައްކަތެއް ނޫން. މިއީ މުޅި ޤައުމުގެ ޙައްޤުގަ، ހުރިހާ ރައްޔިތުންގެ ހައްޤުގަ ކުރާ މަސައްކަތެއް” ޝާހިދު ފާހަގަކުރެއްވިއެވެ.