English Edition
Dhivehi Edition

ރާއްޖެގެ އާސަންދަ ހިނގަނީ އޭގެ މަގްސަދު ހާސިލްވާ ގޮތަށް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކްލަބް ހައުސްގައި ކުރިއަށް ގެންދާ “ނާޒިމް ބުނީ ކީކޭ” ގައި ވާހަކަދައްކަމުންނެވެ.

ނާޒިމް ވިދާޅުވީ އާސަންދައަކީ ދިވެހި ރައްޔިތުންގެ ސިއްހީ އިންޝޫރެންސް ކަމަށާއި އެ އިންޝޫރެންސްއަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިއަދު އެ އިންޝޫރެންސް ހިނގަނީ އޭގެ މަގްސަދު ހާސިލްވާ ގޮތަށް ނޫން ކަމަށެވެ.

ސަރުކާރާ ގުޅުން ނެތް މީހަކު ރާއްޖެއިން ބޭރުން ބޭސްކުރަންވެއްޖެ ނަމަ، ލިބެނީ ވަރަށް ކުޑައެއްޗެއްކަން ފާހަގަކުރައްވާ ނާޒިމް ވަނީ ސަރުކާރާ ގުޅުން ހުންނަނަ މީހުންނަށް ބޭސްފަރުވާއަށް ބޮޑު އަދަދަކުން ފައިސާ ލިބޭކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސަރުކާރާއި ގުޅުން އޮންނަ މީހުން އެންސްޕާ މެދުވެރިކޮށް ބެންކޮކް ފަދަ ތަންތަނަށް ބޭސް ފަރުވާއަށް ފޮނުވަމުންދާ ކަމަށް ނާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ރާއްޖޭގައި މިހާރު ދެމުންދާ އާސަންދަ ޚިދުމަތާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެ ޚިދުމަތް މިހާރުދެނީ ‘ދަރަޖަ ތަފާތުކޮށް’ ކަމަށާއި ވެރިންނަށް ބޭސް ފަރުވާއަށް އެތައް ގައުމަކަށް ދެވޭ އިރު، ރައްޔިތުންނަށް އޮތީ ވަރަށް ނިކަމެތި ގޮތެއް ކަމަށެވެ.

އެހެންނަމަވެސް އެމްއެންޕީގެ ވެރިކަމެއްގައި ހުރިހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި ސިންގަލް ކާޑް ހެލްތް އިންޝޫރެންސް ތައާރަފް ކުރާއިރު، އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނޯންނާނެކަން ނާޒިމް ވަނީ ވިދާޅުވެފައެވެ.