English Edition
Dhivehi Edition

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމު ފުރައިފިއެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުން ފުރީ ރޭގައެވެ.

މި މަހުގެ 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އެތުލެޓިކްސްއާއި ބެޑްމިންޓަންގައެވެ. މި މުބާރާރުގައި ބެޑްމިންޓަންގައި ދެ އެތުލީޓުން ވާދަކުރާނެއެވެ. އެ ދެ އެތުލީޓުން ވެސް ވާދަކުރާނީ ސިންގަލްސް އިވެންޓުގައެވެ.

އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު ދުވުމާއި ސްޓޭންޑިންގ ޖަމްޕް އިވެންޓުގައެވެ.

އެތުލެޓިކްސްގައި ވާދަކުރާ އެތުލީޓުންނަކީ ހަސަން ސުޖޫދް ނާޝިދާއި، އިބްރާހީމް ހުމެއިދު މުޙައްމަދާއި، އައިޝަތު ލައިކާ ހަސަން އަދި ޒާނާ އަލީ ޝަރީފެވެ. ބެޑްމިންޓަނުގައި ރާއްޖެއިން ވާދަކުރާނީ އައިޝަތު މާނިޔާ އާދަމާއި، މުޙައްމަދު ރާއިފް ޝަރީފެވެ.

މިއީ ރާއްޖެއިން މި ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެކުރިން 2019 ވަނަ އަހަރު އަބޫ ދާބީގައި ބޭއްވި ވޯލްޑް ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަމައެކަނި އެތުލެޓިކްސްގައެވެ. އެފަހަރު ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ވަނީ ރަން މެޑެލް ހޯދާފައެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑެލް ހޯދާފައެވެ.

މި އަހަރުގެ ގޭމްސްގައި 190 ގައުމަކުން ހަތްހާސް ފައްސަތޭކައެއްހާ އެތުލީޓުން ވާދަކުރާނެއެވެ.

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން، ފުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ އެތްލީޓުންނާ ބައްދަލު ކުރައްވާ ހިތްވަރު ދެއްވާފައެވެ.

މުލިއާ ގޭގައި ބޭއްވި މި ބައްދަލުކުރެއްވުމަށްފަހު، މިނިސްޓަރ އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަން ގާތުން ބައްލަވާ، ވެދެއްވާ އެހީތެރިކަމަށް ރައީސްގެ ދެ ކަނބަލުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ވަގުތުކޮޅެއް ހުސްކޮށްދެއްވައި އެ ޚާއްސަ ކުދިންނާއި ރައީސް ބައްދަލުކޮށްލެއްވުމަކީ އެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ އެތުލީޓުން ވެސް ދިވެހިރާއްޖެ ފަޚުރުވެރިކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.