English Edition
Dhivehi Edition

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް 2023ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖާޒީ އާއި ޓްރެވެލް ކިޓް ހަދިޔާކޮށްފިއެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަކީ ޚާއްސަ އެހީއަށް ބޭނުންވާ އެތައް ހާސް އެތުލީޓުންނެއް އެކި ކުޅިވަރުތަކުގައި ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް އިވެންޓެވެ. މިއަހަރުގެ ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ބައިވެރިވަނީ ވާދަވެރި ދުވުމާއި ބެޑްމިންޓަންގައެވެ.

މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތުގެ ޖާޒީ ޓީމާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙްލޫފްއެވެ. އަދި ޖާޒީ އާއި ޓްރެވެލް ކިޓް ޓީމާ ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް ކޮމާރޝަލް އޮފިސަރ، އަލީ ރިޔާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީމަށް ފުރުހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން، މިނިސްޓަރ މަހުލޫފް ވަނީ މިކަމުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން ކުޅޭ މުހިންމު ދައުރަށް އަލިއަޅުއްވާލާފައެވެ. އަދި ދިރާގުން މިއަހަރުގެ ވޯލްޑް ގޭމްސްއަށް ދާ ޓީމަށް ވެދެއްވި އެހީ ފާހަގަކުރައްވާ އެކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.

“ދިރާގުން މިއަހަރު ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ފޯރުކޮށްދިން އެހީތެރިކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް އެކުންފުނިން ވެދެމުންދާ އެހީތެރިކަމަށް ވަރށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި ވަކިން ޙާއްސަކޮށް، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަށް ފާހަގަކޮށްލަން ބޭނުން. އެ ފެސްޓިވަލަކީ އަޅުގަނޑުމެންގެ ވަރަށް ގިނަ އެތުލީޓުންނަށް ކުޅިވަރުގެ މާހައުލަށް ނުކުތުމަށާއި މިކަމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ދަސްކޮށްދިން ހަރަކާތެއް.” ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއަރޕަރސަން، އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވިއެވެ.

“މުޅި މުޖުތަމަޢު ޝާމިލްވާ ގިތަށް ބާރުވެރިކުރުމަކީ އަޅުގަނޑުމެންގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖޭއިން ބައިވެރިވާ ޓީމަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ޓީމަށް ރަނގަޅު ކާމިޔާބީއަކަށް އެދެން.” ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ، އަލީ ރިޔާޒު ވިދާޅުވިއެވެ.

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.