ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މޫދުގެ ޙަރަކާތްތަށް ފެށުމުގެގޮތުން “އަކުއާޓިކް” ގެ ނަމުގައި ޙަރަކާތެއް ފަށައިފިއެވެ.
މިއީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަތަން ދަސްކޮށްދިނުމާއި މޫދުގެ ކުޅިވަރުތައް ތަޢާރަފު ކުރުމާއި މޫދުން އެކުދިންނަށް ލިބިދޭ އެކިއެކި ތެރަޕީތައް ދިނުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއްގެ ފެށުމެކެވެ.
އާޓިފިޝަލް ބީޗުގައި މިއަދު ބޭއްވި މި ޙަފްލާގެ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފުއެވެ.
މި ހަފުލާގައި މަޙްލޫފު ވިދާޅުވީ ސްވިމިންގ އަކީ ވަރަށްގިނަ ބެލެނިވެރިން އެ ކުޅިވަރަކަށް އެދޭ އެއް ކުޅިވަރު ކަމަށާއި މިކަން ނުފެށިގެން ވަރަށްގިނަ ބެލެނިވެރިން ކަންބޮޑުވާކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ ބެލެނިވެރިން ކަމަށްވާތީ ބެލެނިވެރިން މިހާރުވެސް މިކަމުގައި ދެއްވަމުންގެންދަވާ އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ދެއްވާނެކަމަށް އުންމީދުކުރާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
“ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދިވެހި ރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ވަރަށްބޮޑަށް ފާހަގަކުރަން. އަދި އެކްސްކޯއަށް ޚާއްޞަ ޝުކުރެއް ދަންނަވަން.” މަޙްލޫފު ވިދާޅުވިއެވެ.
މިއަދު ހެނދުނު 10:00 ގައި ފެށި މި ޙަރަކާތް ނިންމާލާފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައިވެރި ވުމާއެކު ހަވީރު 5:00ގައެވެ.
މި ހަފުލާގައި އެސް-އޯ މޯލްޑިވްސް އިން ވަނީ ކުރިއަށް ރޭވިފައިވާ ބައެއް ޕްރޮގްރާމްތައް ޙިއްޞާ ކޮށްފައެވެ. އަދި މެޑަމް ފަޒްނާވަނީ އެކަމަށް ހިތްވަރުދެއްވާ މިކުދިންނަށް އިތުރު ފުރުޞަޠުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ހިތްވަރުދެއްވާފައެވެ.
މިއަދު ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ކުދިންގެ ފެންވަރު ބެލުމުގެގޮތުން ސްކްރީން ކޮށްފައިވާއިރު، އެސް-އޯ މޯލްޑިވްސްގެ މޫދުގެ ކުޅިވަރުތަށް ހިންގުމަށް ނިއު ލެގޫން ސްވިމިންގ ކްލަބު އާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އެއް އަހަރުދުވަހުގެ މުއްދަތަށް މި ވެވުނު ފަހުމުނާމާގެ ދަށުން އެސް-އޯ މޯލްޑިވްސްގެ ކުދިންނަށް ފަތަން ދަސްކޮށްދިމުނާއި އެކި ހަރުފަތްތަކަށް އެކުދިން ތަމްރީނުކުރުން ހިމެނެއެވެ.
އެސް-އޯ މޯލްޑިވްސްގެ ޗެއަރޕަރސަން އައިމިނަތު ޝާއިނާ ޢަބްދުﷲ ވިދާޅުވީ މިކަމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި އެސް-އޯ މޯލްޑިވްސް އިން އަބަދުވެސް ރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.
މީގެ އިތުރުން ބެލެނިވެރިން އެސް-އޯ މޯލްޑިވްސްއަށް ބަހައްޓަވާ ގާތްކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ނިއު ލެގޫންގެ ފަރާތުން އެ ކްލަބުގެ ހެޑް ކޯޗު އިސްމާޢީލް ފަރުހާން ވިދާޅުވީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ވެސް ފެތުމުގެ ދާއިރާއިން އެހެންމީހުނެކޭ އެއްފަދައިން މި ކުޅިވަރުގައި ފައިތިލަ ސާބިތު ކުރާނެ ބަޔަކަށް ހެދުމާއި މޮޅެތި ފެތުންތެރިންތަކެއް އުފައްދައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ ފަޚުރުވެރިވާ ފަދަ ކުދިންތަކަކަށް ހެދުމަކީ އެ ކްލަބުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
ނިއު ލެގޫންގެ ފަރާތުން ސްވިމިންގ ގެ ކޯޑިނޭޓަރއަކަށް ކަނޑައަޅާފައިވަނީ ފެތުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް އެންމެ ފުރަތަމަ ޙާޞިލު ކުރައްވާފައިވާ އަޙްމަދު ޒުނައިޖު އެވެ.
އޭނާ އަކީ ފެތުމުގެ ދާއިރާއިން ފާއިތުވި ތިރީހަކަށް އަހަރު މެދުކެނޑުމެއްނެތި ޝަޢުޤުވެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ވެސް އެ ޚިދުމަތުގައި ދެމިހުންނެވި ފަރާތެކެވެ.