English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އެއްވެސް ކޮމިޓީއެއްގައި އެމްޑީޕީގެ މެޖޯރިޓީ ނެތް ގޮތަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ބުރާސްފަތި ދުވަހު ކޮމިޓީތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ޕާޓީތަކުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި އެހެން ޕާޓީތަކުން ބޭނުންވީ އެމްޑީޕީ އަށް ކޮމިޓީތަކުން 50 ޕަސެންޓު ދިނުމަށްފަހު ބާކީ 50 ޕަސެންޓް އެހެން މެންބަރުންނަށް ބަހައިލުމަށް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހެއްގައި އެ ގޮތަށް ހަދައިފިނަމަ އެ ޕާޓީއަށް ވަރަށް ގިނަ ގެއްލުންތައް ވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީސް އެކުލެވިގެންވާ ގޮތަށް ބަދަލު އަންނަ ހާލަތްތަކުގައި މީގެ ކުރިން ވެސް ކޮމިޓީތަކަށް އެ ބަދަލު ގެނެސްފައިވާއިރު، އެކަން ކޮށްފައިވަނީ މަޖިލީހުގެ ހިންގުން ހުއްޓުވައިގެން ނޫންކަމަށެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އެދިފައިވާއިރު މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މަޖިލީހުން ފާސްކޮށްފައި އޮތް އުސޫލާ އެއްގޮތަށް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށް 23 މޭއި 2023 ގައި ވޯޓަށް އެހަން ނިންމާފައި ވަނިކޮށް ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގެންނެވި ކަމަށެވެ.