English Edition
Dhivehi Edition
މާލޭ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: މިނިވަން ނިއުސް

ގަވާއިދާ ޚިލާފަށް ކުނި ޖަމާކުރާތީ ކަމަށް ބުނެ، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މާލޭ ސިޓީ ކައުންސިލު ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭ އިން، މާލޭ ސިޓީ ކައުންސިލު ޖޫރިމަނާ ކޮށްފައިވަނީ މަގުމަތިން ނަގާ ކުނި ގަވައިދާ ހިލާފަށް އެހެން ބިމަކަށް ޖަމާކުރި ކަމަށް ބުނެ، 45،500 ރުފިޔާ އިންނެވެ.

އީޕީއޭ އިން ބުނެފައިވަނީ ސިޓީ ކައުންސިލުން މާލޭގެ ސަރަހައްދަކަށް ގަވައިދާ ހިލާފަށް ކުނި އެއްކުރަމުންދާކަން މީގެ ފަސް މަސް ކުރިން ވެސް އެ އޭޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ކުނިތައް ނަގައި އެ ސަރަހައްދު ސާފުކުރުމަށް އަންގާފައި ވާނެ ކަމަށެވެ.

އީޕީއޭ އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ގަވައިދާ ހިލާފަށް ކައުންސިލުން ކުނި ޖަމާކުރަމުން ގެންދަނީ “އެދުރުހިޔާ” ގެ އިރުމަތީ ފަރާތުގައި އޮންނަ، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބިމަކަށް ކަމަށާއި މަގުތަކުން ކުނި ނަގައިގެން ގޮސް ކައުންސިލުން އެ ބިމަށް ކުނި އަޅަނީ ރޭގަނޑުގެ ވަގުތު ވެމްކޯގެ ސައިޓު ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި ކަމަށެވެ. އަދި ކުނިތައް ނަގައި އުކާލަނީ ހެނދުނު ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުން ކައުންސިލާއި ދެކޮޅަށް ޝަކުވާ ހުށަހަޅަމުން އަންނަކަމަށާއި އެހެންވެ، އެ އޭޖެންސީގެ މުވައްޒަފުން އެ ސަރަަހައްދަށް ގޮސް، ކައުންސިލުގެ އަމަލުތައް ބަލައި ކަށަވަރުކޮށްފައިވާ ކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފައެވެ.

އީޕީއޭ އިން ބުނީ ކުނި މެނޭޖުކުރުމުގެ ގަވައިދުގެ ދަށުން، 45،500 ރުފިޔާ އިން ކައުންސިލް ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭ އެ ފައިސާ ދައްކައި ޚަލާސްކުރުމަށް އަންގާފައިވާ ކަމަށެވެ.