ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނާނެ މީހެއް ނޫން ކަމަށާއި އޭނާއަކީ މާތްﷲ އަންގަވާފައިވާ ފަދައިން އެކަލާނގެ ހަޟުރަތަށް އަވަހަށް އެނބުރި ގޮސް އިސްތިޣުފާރުކޮށް މަޢާފު ކުރެއްވުމަށް އެދި ދަންނަވާ މީހާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
ޚުތުބާގައި ބުނީ މީހެއްގެ ހިތުގައި ﷲ އަށް ބިރުވެތިވުން އަށަގެންފައިވާނަމަ، އޭނާ އެކަލާނގެ މަނާކުރައްވާފައިވާ ކަމަކަށް އަރައި ނުގަންނާނެ ކަމަށެވެ.
އެގޮތުން މާތްﷲ ގެ ވަހީ ބަސްފުޅުތަކުން ވަނީ ދަލީލު ދައްކާފައެވެ.
“އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަސްފުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުއާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކު ހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ” ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ތައުބާވުން ލަސްކުރުމަކީ ޝައިނާތާގެ ވަސްވާހުގެތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ތައުބާވުން ލަސްކޮށްފިނަމަ ސަލާމަތްތެރިކަން ނުލިބޭނެ ކަމަށެވެ.
“މާތް ﷲ ގެ އަޅުތަކުންނޭވެ! އާދަމުގެ ދަރިޔާގެ ވަށައިގެން އެތައް ދުޝްމަނުންނެއް ވެއެވެ. މި ދުޝްމަނުން އޭނާގެ ހަޑިހުތުރު އަމަލުތައް އޭނާއަށް ޒީނަތްތެރިކޮށްދެއެވެ. އަދި ރިވެތި އަމަލުތައް ހުތުރުކޮށްދެއެވެ. މިބައިމީހުން ﷲގެ އަޅުންނަށް ޝަހުވަތްތަކަށް ގޮވައިލައެވެ. ނުބައިވެގެންވާ އަމަލުތަކުގެ ދަލުގައި ޖައްސަން މަސައްކަތްކުރެއެވެ. މިފަދަ ދަޅަތަކަށް ހެއްލުންތެރިވެގެން އުހްރަވީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ.” ޚުތުބާގައި އިތުރަށް ބުންޏެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ތައުބާގެ ދޮރު އަޅުތަކުންނަށް ﷲ ހުޅުވައިދެއްވައިފައިވާ ކަމަށާއި އެގޮތުން ދުވާލުގެ ވަގުތުތަކުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު، ރޭގަނޑުގެ ވަގުތުތަކުގައި ހުޅުވައިދެއްވާ ކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ކުށް ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު ދުވާލުގެ ވަގުތުތަކުގައި ހުޅުވައިދެއްވާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.