ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހަންމަދު ނަޝީދު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ވެސް ތާއިދު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހަންމަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފައްޓާފައިވަނީ އެމަނިކުފާނު އައު ސިޔާސީ ޕާޓީއެއް އުފައްދަވައި އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. އެގޮތުން ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ވެރިކަންކުރާ އެމްޑީޕީގެ ޕީޖީގެ ނިންމުންތަކަކީ ރައީސްގެ މަޝްވަރާ އެކުލެވިގެން ނިންމޭ ނިންމުންތަކެއް ކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ރައީސް ސޯލިހަށް އިތުބާރުކުރައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައެކެވެ. އެގޮތުން އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އޭގައި ސޮއިކޮށްފައިވެއެވެ.
އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅީ މަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް ބުނެ އެވެ.