English Edition
Dhivehi Edition
ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ދާއިރާގެ މެމްބަރުގެ ގޮތުގައި ބައިވެރިވާން ތައްޔާރަށް ހުންނެވިކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވަނިކޮށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފައިވަނީ އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނީ 54 މެމްބަރުންގެ ސޮޔާއި އެކުގައި ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝިދު މިއަދުގެ މަޖިލީހުގައި ވިދާޅުވީ އެމަނިކުފާނު ހުންނެވީ ދާއިރާގެ މެމްބަރުގެ ގޮތުގައި ޖަލްސާތަކުގައި ބައިވެރިވާން ކެތްމަދުވެފައި ކަމަށެވެ.

“މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،” ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްވެސް ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއި ކުރައްވާފައެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ނަޝީދު މަގާމުން ދުރުކުރަން ބޭނުންވަނީ އަގުލަބިއްޔަތު ކަމަށްވާ 44 ވޯޓެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލިހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައެވެ.