English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި މީޑިއާގެ ދަފްތަރެއް އެކުލަވާލައި، އެ ކައުންސިޕުގެ ވެބްސައިޓުގައި ޝާއިއު ކޮށްފިއެވެ.

މި ދަފްތަރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

މި ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 14 މީޑިއާއެކެވެ.

މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް، މީޑިއާތަކުގެ އާންމު މަޢުލޫމާތާއި، ނެރުމަށް ކަނޑައެޅިފައިވާ ގޮތް އެކުލެވޭ ދަފްތަރެކެވެ.

މިއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓްރީކޮށްފައިވީނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނެހެން ވަކިވަކީން ނުވަތަ އެއްކޮށް އަދާހަމަ ދިވެހި މީޑިއާ ދަފްތަރެއް އޮތުމަކީ ވަރަށް މުހިންމުކަމުގައިި ދެކޭތީ އެމްއެމްސީ އިން އެކުލަވާލި ދަފްތަރެކެވެ.

އެހެންކަމުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، “ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު” އެކުލަވާލައި، އެ އުސޫލުގައި ބަޔާންކޮށްފައިވާ މީޑިއާ ދަފްތަރު އެކުލަވާލުމާ ގުޅޭ ކޮމިޓީއަކުންނެވެ.

މީޑިއާތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ގޫގްލް ފޯމެއް ތައްޔާރުކޮށް މީޑިއާތަކާއި ވަނީ ހިއްސާކޮށްފައެވެ. މީޑިއާތައް ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ، މި ފޯމް މެދުވެރިކޮށް ހޯދާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ ކޮމިޓީން ބަލައި ކަށަވަރުކުރުމަށްފަހުގައެވެ.

އާންމުކުރެވުނު ދިވެހި މީޑިއާގެ ދަފުތަރު، ކޮންމެ ތިން މަހުން އެއްފަހަރު އަދާހަމަކޮށް ބަލަހައްޓާނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިދާރާއިންނެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅަވާލާފައެވެ.