English Edition
Dhivehi Edition

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފައްޓަވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއު ރައީސް ފައްޓަވައިދެއްްވީ އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނެދަލެންޑްސްގެ ވެން އޫޑްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 18 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫއަށް 90 ހެކްޓަރުގެ ބިން ހިއްކައި 4700 މީޓަރުގެ ބޮޑުހިލަ ޖެހުމާއި މަރަދޫ/ މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން ހިއްކައި 3400 މީޓަރުގެ ބޮޑުހިލަ ޖެހުމަށް ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައި 4100 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމާއި ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކައި 1575 މީޓަރުގެ ބޮޑުހިލަ ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.

މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.