English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް:ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، އާއިލާގެ ހެވަށާ، އަދި ގާތް ރަހްމަތްތެރިންނާއި، މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ ކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ، އެގޮތަށް ހޭދަނުކޮށް އެމީހަކާ އެމީހެއްގެ ޢާއިލާގައި ތިބި މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖްތަމައަށް އޭގެ މަންފާކުރާނެ ކަމަށެވެ. “ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކުމެ މިއަދު އަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް” ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅިފައިވާ ބަލިތައްކަމުގައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުމަށް ހޭދަކުރާ ފައިސާ ތަފާތު ބަލިތައް ތަޙައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވިދާނެ ފައިސާތަކަކަށް ބަދަލުކުރެވިދާނެކަމަށެވެ. އަދި ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަޙައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.