English Edition
Dhivehi Edition
ނައިބް ރައީސް ފައިސަލް ނަސީމް-ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ޒަމާނީ ޓެކްނޯލޮޖީގެ ފަސޭހަތައް ހިމެނޭ ގޮތަށް އިތުރު ފީޗަރތައް ހިމަނައި ތަޖުރިބާކުރުމުގެ ގޮތުން އާ ޑިޖިޓަލް ޕްލެޓްފޯމް، “ޖެމްސް ވަރކްސްޕޭސް” ތައާރަފްކޮށްފިއެވެ.

ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އާ ޑިޖިޓަލް ޕްލެޓްފޯމް، ތައާރަފްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

މި ހަފްލާގައި ނައިބު ރައީސް ވިދާޅުވީ “ޖެމްސް ވަރކްސްޕޭސް”ގެ ސަބަބުން ޒަމާނާއި އެއްގޮތަށް ޚިދުމަތްތައް ދިނުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ޚިދުމަތްތައް ލަސްވުމުގެ ޝަކުވާކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ އެކަމަށް ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައި ވާކަމަށެވެ. މި ގޮތުން “ޖެމްސް ވަރކްސްޕޭސް” ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި، ބޭނުންކުރެވެން ފެށުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

“ޖެމްސް ވަރކްސްޕޭސް” ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.