English Edition
Dhivehi Edition

ޑިމޮކްރަސީއަށް ދިވެހިރާއްޖެ މިކުރާ ދަތުރުގައި، މިއަދު މިތިބީ މަގު ގެއްލިގެންގޮސް، ވަލަކަށް ވަދެވިފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ހަވާލުކޮށް، ކެމްޕޭން ޝިއާރު “އުޖާލާ ޒަމާން” އިއުލާންކޮށް ކެމްޕޭންގެ ރަސްމީ ލަވަ އާންމުކުރުމަށް ބޭއްވި ހަފުލާގަިއ ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ޑިމޮކްރަސީގެ ޙަޤީޤީ މާނަ އޮޅި، ގިނަ މީހުން ތާއީދުކުރާނަމަ، ޤައުމު ވިއްކާލުން ވެސް ހުއްދަކަމެއް ކަމުގައި ހަދާފައިވާ ކަމަށެވެ. އަދި މަސްކަނޑުތައް ނީލަމަށް ލާ، އެކަން ދިފާޢުކުރަން ނިކުމެ ޤައުމީސަލާން ޖަހާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ޢިލްމީ ނަޒަރަކުން ބަލައިފިނަމަ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ރައްޔިތުންގެ ވެރިކަން ކަމަށާއި އެއީ ވަކި ހަމަތަކެއްގައި ޤާނޫނުއަސާސީއެއްގައި ލިޔެގެން، އެ އުޞޫލުތަކުގެ މަތިން ކުރާ ވެރިކަން ކަމަށެވެ.

އެއީ އެއްވެސް ޙާލެއްގައި ބާރުގެ ބޭނުންކޮށްގެން ދުސްތޫރީ ހަމަތައް ބަދަލުކޮށްގެން ހިންގާ ވެރިކަމެއް ނޫން ކަމަށާއި ފުރިހަމަ ޖުމްހޫރިއްޔަތެއްގައި އަދި ފުރިހަމަ ޑިމޮކްރަސީއެއްގައި ސަރުކާރުގައި ކިތަންމެ ބާރެއް އޮތަސް މުގުރާ ނުލާނޭ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކެއް ހުންނާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ރާއްޖޭގެ ފަހުގެ ތާރީޚުގެ ޙަޤީޤަތަކަކީ، ސަރުކާރުގެ ބާރު އޮތިއްޔާ ޤާނޫނުއަސާސީ ބަދަލުކޮށްގެންވެސް ބޭނުންކަމެއް ކުރުން ކަމަށާއި ރާއްޖެ މިއަދު މިއޮތީ ޤާނޫނުއަސާސީގެ އިންތައް ފަހަނައަޅައި ގޮސް، މެޖޯރިޓީގެ ބާރުތައް ބޭނުންކޮށްގެން ޤައުމު ވިއްކާ ހުސްކުރާ ހިސާބަށް ކަންކަން ގޮސްފައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވީ މައިނޯރިޓީގެ ނުވަތަ އެހެން ވިސްނުމެއްގެ ބަހެއް، އަޑެއް އަދި ޙައްޤެއް ނެތް ހިސާބަށް ވެސް ކަންކަން ގެންގޮސްފައިވާ ކަމަށެވެ.

“ދުސްތޫރީ ނަޒަރަކުން ބަލާއިރު، މިއަދުގެ ދިވެހި ދައުލަތް ސިފަކުރެވޭނީ، ދުސްތޫރީ ހަމައެއް ބޭނުން ނުކުރާ، ދައުލަތުގެ ޚަޒާނާ ބޭނުންކޮށްގެން ރައްޔިތުންނާއި މީޑިޔާތައް ޙިޞާރުކޮށް، ސަރުކާރުގެ ކަމަކާ ބަހެއް ބުނުމުގެ ޖާގައެއް ނުދީ، ޤައުމުގެ މުސްތަޤްބަލަށް ވިސްނުމެއްނެތި، ދުނިޔެ ހިނގާގޮތުގެ އޮޔާއި ވަޔެއް ނޭނގިތިބެ، ބޭރުގެ ނުފޫޒުތަކަށް ދީލާލައިގެން ވެރިކަން ކުރަމުންދާ ޑިކްޓޭޓަރޝިޕަކާ.” ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ބަލާލި ކޮންމެ ދިމާލަކުން މިއަދު ފެންނަނީ މާޔޫސްކަން ކަމަށާއި އިވެނީ ބިރާއި ހިތާމައިގެ ކެކުޅުންތަކުގެ އަޑުތައް ކަމަށެވެ. އަދި ރާއްޖޭގައި މިއަދު، އެއްވެސް މީހަކަށް ރައްކާތެރިކަމުގެ އިޙްސާސެއް ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް ފުރާނައިގެ ޔަޤީންކަމެއް ނެތް ކަމަށާއި މީހުންގެ ކުރިމަތީގައި ވެސް ވަޅިހަރާ ޤަތުލުކުރަނީ ޖެހިލުމެއްނެތިކަން ފާހަގަކުރެއްވިއެވެ. އަދި އަނގުންތަކުން ބުރިކޮށް، ކޮށާފައި އަޅާލަނީ ފަރުވާލެއްނެތި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުރާވަރަށް އަރާ ދަރިފުޅު ގެއަށް ނައިސްގެން ބަލާލާއިރު، އޮންނަނީ މަރާލާފައި ތަނަކަށް އެއްލާލާފައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.