English Edition
Dhivehi Edition
ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ހަވާލުކުރުން އޮންނާނީ މިމަހު 26 ވަނަ ދުވަހުގެ ރޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީ އިން ބުނީ އެކަމަށްޓަކައި ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މި މެއި މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރިތާސީ ޓިކެޓު ލިބިފައިވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދުު ނާޒިމަށެވެ.

އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް އޭނާ އެކަންޏެވެ. އެހެންވެ، އޮޓަމެޓިކުން ވަނީ ޓިކެޓު ލިބިފައެވެ.

އެމްއެންޕީ އިން ބުނީ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުން އޮންނާނީ މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ކަމަށެވެ. އަދި މި ޖަލްސާ ފަށާނީ އެރޭ 20:45 ގައި ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެމްއެންޕީ އިން ވެސް ތައްޔާރުވަމުން އަންނައިރު، ގެންދަނީ ވައުދުތައް ވެސް ހާމަކުރަމުންނެވެ.

އެގޮތުން އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތަކީ ބެލެންސް، “ކޮންމެ ޤައުމަކާވެސް ސަލާންކޮށްލެވޭ” ފަދަ ސިޔާސަތަކަށް ވާނެ ކަމަށާއި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން އަލުން އިންތިޒާމުކުރައްވައި، ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށް ކުރުމަށާއި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ދަށްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ހަމަމިއާއެކު ގެސްޓްހައުސް އަޅައި، ސަރުކާރުން ދޭނީ ތަޅުދަނޑި ކަމަށާއި، އެ ތަންތަން ހިންގާނީ ޒުވާނުން ކަމަށް ވެސް ވައުދުވެފައި ވެއެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭސްފަރުވާ ނިޒާމަކީ އެންމެނަށް ހަމަހަމަ ނިޒާމެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް ވެސް ވައުދުވެފައި ވެއެވެ.

މީގެ އިތުރުން އެ ޕާޓީ އިން ވަނީ ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ފެނާއި ކަރަންޓް ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ވެސް ވައުދުވެފައެވެ.