English Edition
Dhivehi Edition
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކި ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އީވާގެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ރައީސް ނަޝީދު އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކޮށްފައިވާއިރު ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވަނީ ނަޝީދު މުޅި ގައުމު ފިތުނަކޮށްފި ކަމަށް ތުހުމަތުކުރައްވައި، ނަޝީދު މަގާމުން ދުރުކުރުމަށް އަވަސްކުރަން ފެންނަ ކަމުގައި ވިދާޅުވެފައެވެ. އެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމުން މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ.