English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

ސީދާ އަދި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭ ގޮތަށް ހިންގަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާގިވެރިވާ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރަން ނިންމާ ‘އަމިއްލަ ފަރުދުންގެ ވިޔަފާރި’އާއި ބެހޭ ގަވައިދު ގެޒެޓްކޮށްފިއެވެ.

މި ގަވައިދާއެކު ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި، ހިންގާ ވިޔަފާރިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރައްޔިތުންނަށް ލިބޭ އިގްތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅާނެ ދެފުށްފެންނަ އިންތިޒާމެއް ގާއިމުކުރެވިގެންދާނެއެވެ. އަދި ސީދާ އަދި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭ ގޮތަށް ހިންގަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ މަސްއޫލުވެރި ފަރާތްތައް 100,000ރ. އިން ޖޫރިމަނާކޮށް، 5 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީނުކުރެވޭނެ ފަރާތެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ތަކުރާރުކޮށް ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ތަނުގެ ބޭރުގައި، އަދި ދުވާރު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާތީ، އާންމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ހައްލުކުރުމުގެ ގޮތުން، ވިޔަފާރިކުރަން ކަނޑައަޅާފައިވާ ތަން ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، އެ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް 1,000ރ. އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މި ގަވައިދުގައި ބަޔާންކޮށްފައިވާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ގަވާއިދުގެ މަގްސަދަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަށައިގަތުމުގައި އެންމެ ގިނައިން ޚިޔާރުކުރާ ބާވަތް ކަމުގައިވާ، ‘އަމިއްލަ ފަރުދުންގެ ވިޔަފާރި’ ރަޖިސްޓަރީކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުރިހާ ޚިދުމަތްތަކެއް ދިނުމަށް މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ރަޖިސްޓަރީކޮށް ހިންގުމުގައި، އަދި ގަވާއިދަށް ޢަމަލުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ކަނޑައެޅުންކަމަށެވެ.

އިތުރަށް މިނިސްޓްރީން ބުނީ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކީ، ދިވެހިރާއްޖޭގައި ހިނގާ އިޤްތިޞާދީ ޙަރަކާތްތަކުގެ ބޮޑު ހިއްސާއެއް އޮތް، ސަރުކާރުން އަހައްމިޔަތުކަން ދީގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް، އަލަށް ފަށާ ވިޔަފަރިތަކާއި ޅަފަތުގައިވާ ވިޔަފާރިތަކާއި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް މާލީ އަދި ފަންނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދޭން ސަރުކާރުން ބޭނުންވާ ބާވަތުގެ ވިޔަފާރިތަކެއް ކަމަށެވެ.އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ހިންގާ ވިޔަފާރި ޙަރަކާތްތަކާއި، އެ ވިޔަފާރި ޙަރަކާތްތައް ހިނގާ ނުހިނގާ ގޮތް ދެނެގަންނަން ބޭނުންވާ އަސާސީ މަޢުލޫމާތު އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭކަމަށެވެ.

މި ގަވައިދަށް ޢަމަލުކުރަން ފެށުމާއެކު، އަމިއްލަ ވިޔަފާރިތަކުން އެހެން އިދާރާތަކަށް އެފަރާތުގެ ރަޖިސްޓަރީއާބެހޭ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ބޭންކު އެކައުންޓު ހުޅުވުމަށާއި މިނޫންވެސް ވިޔަފާރީގެ މުޢާމަލާތްތައް ހިންގާއިރު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން އަންގައިދިނުމަށް ބޭނުންކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުން ހުއްޓާލައި، ވިޔަފާރިއާބެހޭގޮތުން ރެކޯޑުކޮށްފައިވާ ހުރިހާ މަޢުލޫމާތެއް ހިމެނޭ ގޮތަށް މިފަދަ ވިޔަފާރިތައް ރަޖިސްޓަރީކުރެވުމާއެކު، ހަމައެކަނި، ކޯޕަރޭޓް ޕްރޮފައިލް ޝީޓެއް ދޫކުރަން ފެށޭނެއެވެ.

މި ގަވައިދުގައިވާ ކަންކަމަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ ހަފްތާއަކު އެއް ފަހަރު އޮންލައިން ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.