English Edition
Dhivehi Edition
އަހުމަދު ޝުރާއު | އަވަސް

ަރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އަހައްމިއްޔަތުކާއި، ހާއްސަ ކަމެއް ދެއްވި އެއް ރަށަކީ ގދ.ތިނަދޫ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވާ ކަންތައްތަކަށް އެ އަތޮޅުގެ ރައްޔިތުން އިހުލާސްތެރި ވާން ޖެހޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ

ޕީޕީއެމްގެ ރުމާލު- 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާނު ވަނީ ރައީސް ޔާމީން ގދ. ތިނަދޫ އަށް ބެހެއްޓެވި ގާތްކަމާއި އިހުލާސްތެރިކަމުގެ އަގު ކޮބައިތޯ ވިދާޅުވެ ސުވާލުކޮށްފައެވެ. މީގެ އިތުރުން ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވި އިރު، އެ ރަށަށް ރައީސް ޔާމީން ބެހެއްޓެވި އިހުލާސްތެރިކަމުގެ އަގު ކޮބައިތޯ ސުވާލުކުރައްވާފައެވެ

ރޭ ނިހާނު ދެއްކެވި ވާހަކަތައް އުފަން ރަށް ތިނަދޫގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާއިރު ނިހާނު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ވެސް ގދ. އަތޮޅަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރައްވަން ހަމަޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ގައުމު މި ހާލަތުގައި ހިނގަހިނގާ އޮއްވާ އެތެރެއާ ބޭރުން ހަމަލާދޭން އުޅޭ ބޭފުޅުން ދެން އަޅާ ފިޔަވަޅަކާހުރެ، ސަރުކާރުން ވެސް ކުރާ މަސައްކަތް ބަދަލު ކުރަން ޖެހޭނެކަމަށެވެ

ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތައްޔާރު ވަމުންދާ “ހުވަދޫ ބޮޑު ޖަލްސާ” އާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ގދ. އަތޮޅުގެ ރައްޔިތުންގެ އިހުލާސްތެރި ކަމެއް ހުރިނަމަ ކޯލިޝަންގެ ބޭފުޅުން ތިނަދޫއަށް ގޮސް ޖަހަން އުޅޭ “ސަކަރާތުގައި” ބައިވެރިނުވާނެކަމުގައެވެ. މީގެ އިތުރުން ނިހާނު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި ޖަރީމާތަކުގައި ވަރަށް ނުރައްކާތެރި މިންވަރަކަށް ތިނަދޫން ބައިވެރިވި ކަމަށާއި އެހެންނަމަވެސް އޭގެ ނަތީޖާއެއްގެ ގޮތުން ނަޝީދު އެ ރަށަށް ވެ ވަޑައިގެން އެއްވެސް ވައުދެއް ފުއްދާފައިނުވާކަމަށެވެ