English Edition
Dhivehi Edition

1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ޙައްޖާޖީން ފުރުވުމުގެ އެންމެހައި އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޙައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޙައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށާއި، އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި ޙައްޖާޖީން ފުރުމަށް އެއަރޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ.