English Edition
Dhivehi Edition
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ފެނަކަ ކުންފުނީގެ އިސްވެރިން ރާއްޖެ ދޫކޮށް ފިލުމުގެ ކުރިން އެ ކުންފުނިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ގޮވާލައިފިއެވެ.

އާދަމް ޝަރީފު ވަނީ ފެނަކައިގެ މާލީ ހާލަތާއި ހިންގުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް މާލީ އަދި އިދާރީ އޮޑިޓެއް ހެދުމަށް ގޮވައިލާ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

މި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. މި ގޮތުން އެ ކުންފުނިތަކުން މުވައްޒަފުންނަށް ދޭންޖެހޭ މުސާރަނުދެވުމާއި، ކުންފުނިތަކުން ކުއްޔަށް ނަގާފައި ހުރި ތަންތަނުގެ ކުލި ނުދެއްކުން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެނަކައަށް މިއަދު ކުރިމަތިވެފައިވާ މާލީ މައްސަލަތައް މެދުވެރިވި ސަބަބުތައް ފާހަގަކުރަމުން އާދަމް ޝަރީފް ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުންފުނީގެ ހަރަދުތައް ބޮޑުކަމަށެވެ. އަދި މި ހަރަދުތައް ބޮޑުވެގެން ދިޔަ މައިގަނޑު ސަބަބަކީ ސިޔާސީ ބޭނުމަށް ކުންފުނި ބޭނުންކުރުމާއި، ކޮރަޕްޝަންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ އެ ކުންފުނިން މުދާ އަގު ބޮޑުކޮށް ގަތުމުގެ މައްސަލަ ކަމަށެވެ.

މިހާރު ފެނަކައިން ދައްކަންޖެހިފައިވާ ދަރަނި 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ފަހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ އެ ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ހަމަނުޖެއްސިއްޖެނަމަ މި ދައުރު ނިމޭއިރު އެ ފައިސާ ލިބެންޖެހޭ ކުންފުނިތައް ބަނގުރޫޓުވެދާނެކަމަށެވެ.