English Edition
Dhivehi Edition
މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ދޮގު ބަޔާން ދިން މައްސަލައިގާ މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ މިއަދުއެވެ.

ޑރ. މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނެއް ކަން ކަށަވަރު ކުރަން ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮޔެއްކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިވާ ކަން ވެސް އެނގެން ނެތް ކަމަށާއި އެހެންވެ، އެއީ އޭނާ ދެއްވި ބަޔާނެއް ކަމާއިމެދު ޝައްކު އުފެދޭ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ގާޒީ ސޮފްވަތު ވިދާޅުވީ ނޫމަޑިއާ ސަރުކާރުން ހަވާލުކުރި ހައުސިންގ މަޝްރޫއު ޝެޑިއުލާއި އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެފަދަ ޝެޑިއުލެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ދައުލަތަަށް ހުށަހެޅިފައި ވެސް ނުވާ ކަމަށެވެ.

އެހެންވެ އެ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާއިމެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމަ ނުވާ ކަމަށާއި އެހެންވެ، އެ ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ސޮފްވަތު ވަނީ ހުކުމް ކުރައްވާފައެވެ.

ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދޭން ނިންމާފައެވެ.