English Edition
Dhivehi Edition

ކަނޑުގެ ދިރުންތަކުންނާއި އިންސާނުންގެ ހަށިގަނޑުންވެސް މިހާރު މައިކްރޯ ޕްލާސްޓިކް ފެންނަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އ.ދ. އޯޝަންސް ކޮންފަރެންސްގައި “އެޑްރެސިންގ މެރިން ޕޮލިއުޝަން” ގެ ނަމުގައި ކުރިޔަށްދިޔަ އިންޓަރެކްޓިވް ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށައަޅާ ސްޓޭޓްމަންޓް ޝައުނާ ހުށަހަޅައިދެއްވާނެއެވެ.

އިންޓަރެކްޓިވް ޑައިލޮގްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝައުނާ ވިދާޅުވީ ޕްލާސްޓިކު ކުނިބުނި އުފެދޭ މިންވަރު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވަމުން ގޮސްފައިވާކަމަށެވެ. މިހާރު އަހަރެއްގެ މައްޗަށް 400 މިލިޔަން ޓަނުގެ ޕްލާސްޓިކް ކުނިބުނި އުފެދޭކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ޕްލާސްޓިކު ކުނިބުނީގެ ތެރެއިން އަލުން ބޭނުންކުރެވެނީ އެންމެ 9 އިންސައްތަކަމަށާއި ބާކީބައި ދަނީ ލޭންޑްފިލްތަކާއި އަދި ކަނޑުތައްވެސް ހިމެނޭގޮތަށް ވެއްޓަށް ގެއްލުންވާ ތަންތަނަށް ކަމަށެވެ.

ކަނޑުގެ ދިރުންތަކުންނާއި އިންސާނުންގެ ހަށިގަނޑުންވެސް މިހާރު މައިކްރޯ ޕްލާސްޓިކް ފެންނަމުންދާކަން ފާހަގަކުރައްވަމުން ޝައުނާ ވިދާޅުވީ ޕްލާސްޓިކުން ތަޣައްޔަރު ވުމުގެ ސަބަބުން ނާޒުކު ގުދުރަތީ ނިޒާމަށް އަސަރުކޮށް ދިރޭ ތަކެތީގެ ބައެއް ނިޒާމުތަކާއި ނަސްލުތައް ނެތިދިއުމަށް މަގުފަހިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ވަނީ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް އެތެރެކުރުމާއި، އުފެއްދުމާއި، ވިއްކުން މަނާކުރުމާއި، އަދި އޭގެ އިތުރުން، ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ވަކިކުރުމާއި، ރީސައިކަލް ކުރުމާއި، ކުނި މަދުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް މިނިސްޓަރ ޝައުނާ ވަނީ އަލިއަޅުވާލައްވާފައެވެ.

ގިނަ ޤައުމުތައް އެކުވެގެން މިކަމުގައި މަސައްކަތްކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވަމުން އ.ދ.ގެ ތިމާވެށްޓާއި ބެހޭ އެސެންބްލީގެ ފަސް ވަނަ ސެޝަނުގައި ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ބައިނަލްއަގްވާމީގޮތުން އަމަލުކުރަން ލާޒިމު ކަރުދާހެއް އެކުލަވާލުމަށް ގިނަޤައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ މަޝްވަރާކޮމިޓީއެއް އުފެއްދުމަށް ގޮވާލި ގޮވާލުމަށް މިނިސްޓަރު ވަނީ މަރުހަބާ ދަންނަވާފައެވެ.