English Edition
Dhivehi Edition

ޔުނައިޓެޑް އެރެބް އެމިރެޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތް މުޙައްމަދު ސަޢީދު ހަރެބް އަލްމެހްރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ، އެ ޤައުމުގެ އިސް ވެރިންނަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޙުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަޤާފަތާއި، ދެެޤައުމުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށެވެ.

ޔޫ.އޭ.އީގެ މިނިސްޓަރ ގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މައްސަކަތްތައް ފާހަގަކުރައްވާ ތަޢުރީފްކުރައްވާފައެވެ.

މިގޮތުން ރާއްޖެއިން 2030 ވަނަ އަހަރާ ހަމަޔަށް ދާން ވާއިރަށް ނެޓް ޒީރޯ އަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރު ނޮވެންބަރު މަހުގެ 30 އިން ޑިސެންބަރު 12 އަށް ޑުބާއީގައި ކުރިޔަށްގެން ދިޔުމަށް ހަމަޖެހިފައިވާ ކޮޕް 28 ވަނަ ބައްދަލުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރުގެ ބައްދަލުވުމުގައި ޕެރިސް އެގްރީމަންޓްގެ ނަތީޖާ ނިކުންނަ ގޮތް ބެލުމަށްޓަކައި ގްލޯބަލް ސްޓޯކްޓޭކް ގެ މަސައްކަތްކުރިޔަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކޮޕް 28 އަށް ޔޫއޭއީގެ ރިޔާސަތަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، ކޮޕް 27 ގައި އިޢުލާނުކުރެވުނު ‘ލޮސް އެންޑް ޑެމޭޖް ފަންޑް’ ކުރިޔަށްގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

ޔޫ.އޭ.އީގެ މިނިސްޓަރ ގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މި ފަންޑް ދޫކުރުމުގައި އެންމެ ބޭނުން ޖެހިފައިވާ މައްސަލަތަކަށް އިސްކަންދެއްވާނެކަމަށެވެ. އަދި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވެ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޔޫ.އޭ.އީ އިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 15 މާރިޗު 1978 ވަނަ އަހަރުގައެވެ.