English Edition
Dhivehi Edition
ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުން/ފޮޓޯ ހެލްތް މިނިސްޓްރީ

ރާއްޖޭގެ 7 ސަރަޙައްދެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ހެލްތު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ރަށްތަކަކީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގައެވެ. މިއީ 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނަ ގޮތަށް ތައްޔާރު ކުރެވޭ ހޮސްޕިޓަލްތަކެކެވެ.

މިއަދު ހަވާލުކުރި 7 ހޮސްޕިޓަލްގެ ތެރެއިން ހދ. ހަނިމާދޫ، އދ. މާމިގިލ، ވ. ފެލިދޫ އަދި ތ. ވިލުފުށީގެ ހޮސްޕިޓަލްތައް ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ށ. މިލަންދޫ، ނ. ވެލި ދޫ އަދި ކ. ތުލުސްދޫގެ ހޮސްޕިޓަލްތައް ހަވާލުކުރީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި ހޮސްޕިޓަލްތައް އިމާރާތް ކުރަނީ ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނޭގޮތަށް ކަމަށެވެ. އޭގެ ބޭނުމަކީ ކޯވިޑް ރޯގާއެއްފަދަ ބައްޔެއް ފެތުރޭ ހާލަތުގައިވެސް ހޮސްޕިޓަލްތަކުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިޔަށް ދިއުންކަމުގައި ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އޭގެ އިތުރުން މި ހޮސްޕިޓަލްތަކުގެ ހުރިހާ އެނދަކަށްވެސް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އަޅާ، ހޮސްޕިޓަލްތަކުގައި އޮކްސިޖަން ޕްލާންޓުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި އޮކްސިޖަން ޕްލާންޓްތަކުން ކައިރި ރަށްރަށް އޮކްސިޖަން ސަޕްލައި ކުރެވިގެން ދާނެއެވެ.

އޭގެ އިތުރުން މި ހޮސްޕިޓަލްތަކުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކާ 150 ކިލޯ ވޯޓުގެ ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ޖުމްލަ 686.1 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މިމަސައްކަތް 540 ދުވަހުގެ ތެރޭގައި ކޮށް ނިންމަން ޖެހެއެވެ.