English Edition
Dhivehi Edition

‎ގދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.

ސެނޮކް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މެއި މަހު 12 އިން 13 އަށެވެ.

‎ގދ. ތިނަދޫގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓިން، ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ހަވާލުކޮށްގެންނެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 13 އޮކްޓޫބަރު 2019 ގައެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ އަގަކީ 16,849,542.38 (ސޯޅަ މިލިޔަން އައްސަތޭކަ، ސާޅީސްނުވަހާސް ފައްސަތޭކަ ސާޅީސްދެ ރުފިޔާ ތިރީސް އަށްލާރި) އެވެ.

‎މަޝްރޫޢު އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރުގެ މުއްދަތެއްކަމުގައިވީނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއި ތައްޔާރުކުރި ޑިޒައިނަށް ގެންނަންޖެހުނު ބަދަލުތަކާއެކު ނިންމަން ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. މި ކުރިމަތިވި ހުރަސްތަކާއެކުވެސް، މަސައްކަތް މަޑުނުޖެހި ސަރުކާރުން ވަނީ އަމަލީ މަސައްކަތް މިހާރު ނިންމާލާފައެވެ.

‎މި މަޝްރޫޢުގެ ސަބަބުން ގދ. ތިނަދޫގެ ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެވެއެވެ.