English Edition
Dhivehi Edition

ފުއްގިރި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ރައްކާތެރިކުރުމަށް އެ ކޯޓުން ނިންމުމާ ގުޅިގެން އެ ހެކިތައް ބަލައިނުގަތުމަށް ސުޕްރީމް ކޯޓަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގެ ހުކުމް ޔާމީންއާ ދެކޮޅަށް ނިންމައިފިއެވެ.

މިޝަރީޢަތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ހެއްކާބެހޭ ޤާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީޤު ކުރުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި ފުއްގިރި މައްސަލައިގައި އަދި ހެކިބަސްވެސް ނަގާފައިނުވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ހެކިތަކުގެ އަދާވަތްތެރިކަމާއި ގުޅޭގޮތުން ޝަރީއަތުގައި ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ގޮސްފައިނުވާކަމަށެވެ. ވުމާއެކު އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ މައްސަލައިގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފީ ތިން ނުކުތާއެއް ހުށައަޅުއްވާފައި ވެއެވެ.

އެއްކަމަކަށް ހުށައެޅުއްވީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުމުން އެ ހެކިތައް ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާތީ އެކަން އިސްތިޢުނާފް ކުރުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހުށައަޅުއްވާފައިވަނީ ރައީސް ޔާމީނު ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނޭ ހެކި ހާމަކުރުމުގެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން ހުށައެޅި އިސްތިއުނާފީ ނުކުތާއެވެ.

ތިން ވަނަ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

މިޝަރީޢަތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ދަށު ކޯޓުންނާއި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށްކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.