English Edition
Dhivehi Edition
އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ފޭދޫގައި 2016 ވަނަ އަހަރު ކުޑަކުއްޖެއްގެ މޫނުމަތީގައި ޖެހި ފުލުހަކު18،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުޑަކުއްޖެއްގެ ގައިގައި ޖެހި މައްސަލައިގައި ހުކުމްކޮށްފައިވަނީ ލ. ހިތަދޫ / ޕޫނަމް، ނަޝީދު މުހައްމަދުގެ މައްޗަށެވެ.

ސ. ފޭދޫ އޯކިޑުމަގުގައި ހުންނަ މުލައްޑޫ ގަރާޖު ކައިރިން އަހުމަދު ސާޖީ ސައީދު އާއި އިތުރު ބަޔަކު ހިނގާފައި ދަނިކޮށް އެ ފުލުސް މީހާ، އޭނާއަށް ގޮވައިގެން ގެންގޮސް މޫނުގެ ވާތް ފަރާތުގެ ކަންކަށި މަތީގައި ޖެހުމުން ސާޖީއަށް ވަނީ އަނިޔާވެފައެވެ. މި މައްސަލާގައި ފުލުސް މީހާއާއި ދެކޮޅަށް ހަމީހުންގެ ހެކިބަހާއި، މެޑިކަލް ރިޕޯޓު ހުށަހަޅާފައިވާއިރު މި މައްސަލައިގެ ހުކުމުގައި ބުނީ ނަޝީދުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، ސާޖީގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހާއި، މެޑިކަލް ރިޕޯޓު ދިމާވާތީ ކަމަށެވެ.

މި ކުށަކީ ކުޑަކުއްޖަކާ ދެކޮޅަށް ހިންގާފައިވާ ކުށެއް ކަމަށް ވާތީ ކުށުގެ ދަރަޖަ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ އިތުރުކޮށް ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވަން ނިންމާފައިވާއިރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުން ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ނަޝީދު ވަނީ އެދިފައެވެ. އަދި ކޯޓުންވަނީ ތިން މަސް ދުވަހުގެ ތެރޭގައި 18،000 ރުފިޔާ މީރާއަށް ދެއްކުމަށް ހުކުމްކޮށްފައެވެ.