English Edition
Dhivehi Edition
މެރުއާނާ ގަސް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ ގަސްތަކެއް ހައްދައިގެން އުޅުނު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ.ކެނދިކުޅުދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވާއިރު، ކޯޓު އަމުރުގައި ބުނެފައިވަނީ މާލޭ ގެޔެއްގެ ދޮރު ކައިރިން ބިންމަތީގައި މެރުއާނާ ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން ފުލުހުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ، އޭނާ އެތަނަށް އައިސް އެއީ އޭނާގެ ގަހެއް ކަމަށް ބުނި ކަމަށެވެ. އަދި، ގޭގެ ބެލްކަނީގައި އިތުރު ގަސްތަކެއް ހުންނާނެ ކަމަށް ބުނެ އޭނާ ދިރިއުޅޭ ތަން ބަލާ ފާސް ކުރުމަށް އެއްބާރުލުން ދޭން އެހުމުން އެކަމަށް އެއްބަސްވެ ބަލައި ފާސްކުރުމުގެ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން ފުލުހުންގެ ބަޔާނުން އެނގެން އޮތް ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ނަމަވެސް އޭނާ ފަހުން ކޯޓުގައި ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އެގޮތުން، ބަލާ ފާސްކުރި ކަމަށް ހުއްދަ ނުދޭ ކަމަށާއި، ފުލުހުން އޭނާއަށް އަނިޔާކޮށް، ބަލާ ފާސްކުރުމުގެ ތެރޭގައި ތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް އޭނާ ބުނެފައިވެއެވެ.

އެހެން ނަމަވެސް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއުތަކާ އެއްގޮތަށް ކަމަށެވެ. އޭނާއަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.