English Edition
Dhivehi Edition

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ މިހާރު އެ އޮތްގޮތަށް އޮވެއްޖެނަމަ ހޯނޑެއްދޫ ބިމުގެ 20 އިންސައްތަ ނެތިގެން ހިނގައިދާނެކަމަށް ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވެއްޖެއެވެ.

އޭ އޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވާރިޝް ވިދާޅުވީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ނިމި ބޭނުންކުރަންފެށިތާ މިވީ ތިންއަހަރުގެ މުއްދަތުގައި، އެ ކޯޒްވޭއާ ހޯނޑެއްދޫއާ ގުޅޭ ސަރަހައްދު ކަމުގައިވާ “ދަރެމަކޮޑާ” ސަރަހައްދުގެ އުތުރުން ދެކުނަށް 200 ވަރަކަށް މީޓަރު އަދި ހުޅަނގުން އިރަށް 100 ވަރަކަށް މީޓަރުގެ ސަރަހައްދެއްގައި ގުދުރަތީގޮތުން ހެދިފައިވާ ގަސްގަހާގެހީގެ ބޮޑުބައެއް ހަލާކުވެ ނެތިގެން ގޮސްފައިވާކަމަށެވެ. މިގޮތަށް ދިމާވާ ސަބަބެއްކަމުގައި ވާރިޝް ވިދާޅުވީ ބަލަންޖެހޭ އެއްވެސް ބެލުމެއްނެތި އަޅާފައިވާ ކޯޒްވޭގެ ސަބަބުން ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ރަށުގެ އެތެރެއަށް ލޮނުގަނޑު އަރާތީ ކަމުގައެވެ. އަދި ބައެއްފަހަރު ހޯނޑެއްދޫގެ ދަނޑުބިންތަކަށްވެސް ލޮނުގަނޑުގެ އަސަރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

” މި މައްސަލަ އަޅުގަނޑުމެން ވާނީ ކަމާބެހޭ ވުޒާރާތަކަށާއި ރައްޔިތުންގެ މަޖްލީހަށްވެސް ހުށަހަޅާފައި. އެކަމަކު އަދިވެސް މިކަމަށް ހައްލެއް ލިބޭނެ ގޮތެއްނުވޭ. އެތަން ފެނިވަޑައިގަތް ކޮންމެ ބޭފުޅަކު ދެރަވާނެ. އަޅުގަނޑަށް ޔަގީން މިހެން މި ކޯޒްވޭ އޮވެއްޖެނަމަ މިރަށުގެ 20 އިންސައްތަ ނެތިގެން ހިގައިދާނެ. މިހާރުވެސް އެތަނުގައި ނެތް ނުހިކޭ އެންމެ ގަހެއްވެސް. މީ ކަންބޮޑުވާންޖެހޭ ކަމެއް.” ވާރިޝް ވިދާޅުވިއެވެ.

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ސަބަބުން ދެރަށަށް ލިބޭ ގެއްލުމާ ބެހޭގޮތުން އެމައްސަލަ 19ވަނަ ރައްޔިތުންގެ މަޖްލީހަށްވެސް ވަނީ ހުށަހެޅި، އަދި ކަމާ ބެހޭ އެކިއެކި ވުޒާރާތަކުގެ ސަމާލުކަމަށްވެސްވަނީ ގެނެވިފައެވެ. ނަމަވެސް މިކަމުގެ ހައްލެއް ހޯދައި ދިނުމުގައި އެތަންތަން ވަނީ ނުކުޅެދިފައެވެ.