English Edition
Dhivehi Edition

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު “އަބަދަށް އުފާ” މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތާއެކު ފުލުހުން އެތަނަށް އެޓެންޑު ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަމަށް އެޓެންޑުވެ، ބާރުގެ ބޭނުން ކޮށްގެން އެތަނުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ ރަހީނުކޮށްފައިވަނީ 3 ދިވެހިިން ކަމަށާއި އެއީ ފިރިހެނުން ކަމަށެވެ. އެމީހުންނަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށާއި އެމީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން 18 އަހަރުން ދަށުގެ ދިވެހި ފިރިހެން ކުއްޖަކާއި އިތުރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މިފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގައި މީހުން ރަހީނު ކުރުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ދިވެހިން، ދިވެހިން ރަހީނު ކުރުމާއި ބިދޭސީން، ދިވެހިން ރަހީނު ކުރުން ވެސް ހިމެނެއެވެ.