English Edition
Dhivehi Edition

ޞިއްޙީދާއިރާގެ މުސާރަތަކަށް ގެނައި ބަދަލަކީ، އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކޮށްލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުސާރައަށް ގެންނެވި ބަދަލުގެ އިތުރުން، އެ ދާއިރާގެ ތަރައްޤީއަށް ކުރައްވަންޖެހޭ އެހެނިހެން ކަންތައްތަވެސް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޓީޗަރުންނާއި ޑޮކްޓަރުންނަކީ، ޤައުމަށާއި މުޖުތަމަޢަށް މުހިންމު ޚިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ސަރުކާރުންދެކޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށާއި، އަދި ޚާއްޞަ އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި އޮތް އެކުވެރި ގާތްގުޅުން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި ދިމާވި ދަތިތަކަށްވެސް މިހާޜު ހައްލެއް ހޯދިފައިވާކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށާ ، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި، އަދި ކިޔަވާ ކުދިންގެ ކަންކަން އަބަދުވެސް ޚާރިޖިއްޔާއިން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.