English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

ރާއްޖެއާއި ދުރުން އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރު ގަދަވެ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.

އެއިދާރާއިން ބުނީ “މޮކާ” ގެ ނަމުން ނަން ދީފައިވާ ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި މިރޭގެ ވަރުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށެވެ. މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް މިސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ ،ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.

އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވަނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.

އެހެންކަމުން ޢާންމު ހުރިހާ ފަރާތް ތައް ، އަދި ވަކިން ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. މޫސުމާބެހޭ އިދާރާއިން ވަނީ މިއަދު 3 އިން މިރޭ 11 ޖަހަންދެން ނ.އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.