English Edition
Dhivehi Edition

ރައީސް އޮފީހުގެ ޗީފް ކޮމިއުކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ދިރާގުގެ ކުރީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިބްރާހީމް އިމްޖާދު ޖަލީލު ހަމަޖައްސައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮފީހުގެ ޗީފް ކޮމިއުކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ރައީސް ޔާމީން ވަނީ އިމްޖާދު އައްޔަން ކުރައްވާފައި ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އިމްޖާދު އޮފީހަށް ނުކުންނަވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތީ ޖޫން 12 ވަނަ ދުވަހުގަ އެވެ. ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އިން ކިޔަވާ ވިދާޅުވެގެން ހުންނެވި އިމްޖާދު ވަނީ ދިރާގުގެ މާކެޓިން މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައެވެ. ދިރާގުގައި ހަ އަހަރު މަސައްކަތް ކުރެއްވި އިމްޖާދު ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ މަގާމާ ހަވާލުވެވަޑައިގަތީ ގައުމީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އޭނާގެ ކެރިއަރުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ދިރާގަކީ އަދިވެސް ވަރަށް ލޯބިވާ، ހިތުން ދޫކޮށްލެވޭނެ ތަނެއް ނޫން ކަމަށް އިމްޖާދު ވިދާޅުވި އެވެ. ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް އޮފިސަރަކަށް މީގެ ކުރިން ހުންނެވި އަލީ ޚާލިދު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެ މަގާމުން ވަކިކޮށްފަ އެވެ.