English Edition
Dhivehi Edition

03 މެއި 2023 އިން 04 މެއި 2023 އަށް ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ހިންގި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމްގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމާއި މުޖުތަމައުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރާ ގުޅޭ ގޮތުން ތަފާތު ހަރަކާތްތަކާއި މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މައިގަނޑު އެއް ހަރަކާތަކީ މީސް މީޑިއާގައި ނޫސްވެރިންގެ 30 ވީޑިއޯ ސްޕޮޓް އާންމުކުރުމެވެ. މި ވީޑިއޯތަކުން ނޫސްވެރިންގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމުކަން ފާހަގަކޮށްފައިވާނެއެވެ. މި ވީޑިއޯތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، މުޖުތަމައުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މައިގަނޑު އަނެއް ހަރަކާތަކީ ނޫސްވެރިންގެ ފޯރަމެއް ބޭއްވުމެވެ. މި ފޯރަމްގައި ތަފާތު 4 މައުޟޫއަކަށް ބަހުސް ކުރެވިގެން ދިޔައެވެ. މި ގޮތުން މިފޯރަމްގެ ފުރަތަމަ ވާހަކަ ދެކެވުނު މައުލޟޫއަކީ މާލީ މިނިވަންކަން ނެތުމުން ދިމާވާ ގޮންޖެހުންތަކާއި އުފެއްދުންތެރި ހައްލުތަކެވެ.

މި މައުޟޫއަށް ވާހަކަ ދެއްކެވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނާއިފްއާއި ތިންކްގެ މެނޭޖިން ޑިރެކްޓަރ އަދީލް އިސްމާއީލް އަދި ސަން ޝިޔާމް މީޑިއާގެ ސީއީއޯ އިބްރާހިމް ހަލީލްއެވެ.

ދެވަނަ ސެޝަންގެ މައުލޫއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ހިންގޭ ކަންކަމާއި ފިޔަވަޅު ނޭޅޭ މައްސަލައެވެ. މިމައުޟޫއަށް އިންސާފްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރު މޫސާ ރަޝީދުއާއި އަދި އެޑިޓަރސް ގިލްޑްގެ ރައީސް އަޙްމަދު ޒާހިރުއެވެ.

ތިންވަނަ ސެޝަންގެ މައުޟޫއަކީ މުއައްސަސާތަކުން މައުލޫމާތު ނުދީ ހިފެހެއްޓުމަށް ދިމާވާ ގޮންޖެހުންތަކާއި ނޫސްވެރިންގެ އެތިކްސްގެ މައްސަލައަށެވެ. މިމައުޟޫއަށް އިންސާފްކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު އަދި އަދަދު ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާއެވެ.

އެންމެފަހު ސެޝަން ހާއްސަކުރީ ނޫސްވެރިންގެ ވާހަކައަށެވެ. މިސެޝަންގައި މޯލްޑިވްސް މީޑިއާ ކައުންސިލްއިން 2021 ވަނަ އަހަރު އިނާމް ހާސިލް ކުރި ނޫސްވެރިންނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން 2021 ވަނަ އަހަރު އެވޯޑް ހާސިލްކުރި ނޫސްވެރިން އެބޭފުޅުންގެ އެމަސައްކަތު ތަޖުރިބާތައް ހިއްސާކުރެވިގެން ދިޔައެވެ.

މިގޮތުން މިސެޝަންތަކުގައި ނޫސްވެރިންގެ ވާހަކަތައް ހިއްސާކޮށްދެއްވީ މުޙައްމަދު ހަމްދޫން، މުއާވިޔަތު އަންވަރު، އައްޒާމް އަލިފުޅު، ފަޒީނާ އަޙްމަދު، އަޙްމަދު ނާއިފް، އަބްދުﷲ ޝަފީޢު އަދި އިނާޔަތު ޢަލީއެވެ. މި ފޯރަމަށް ބައިވެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ނޫސްވެރިންނަށް ޚިޔާލާއި ތަޖުރިބާ ބަދަލުކުރުމުގެ އަގުހުރި ފުރުސަތެއް ވަނީ ފަހިކޮށްދެވިފައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި މުޖުތަމައުގައި ނޫސްވެރިކަމުގެ މުހިންމުކަން ކުރިއެރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެކެވެ.

މި ޕްރޮގްރާމްގެ ހަރަކާތްތަކާއި މަޝްވަރާތަކުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދިޔައެވެ.