English Edition
Dhivehi Edition

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކީމޯތެރަޕީގެ ހިދުމަތް ފަށައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ހޮސްޕިޓަލުގައި ފެށި މި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެމަޖެންސީ ރެސްޕޮންސް ޑިޕާޓްމަންޓުގެ ތެރޭގައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށާފައިވާއިރު ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ތިނަދޫ ހޮސްޕުޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކީމޯގެ ހިދުމަތް ދިނުމަށް އެސްޓީއޯގެ ދައުރު ފުޅާކޮށް، ހިދުމަތް މެދުނުކެނޑޭނެ ގޮތް ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މި ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުގައި މި ހިދުމަތް ފެށުމާއެކު ހުވަދު އަތޮޅުގައި މި ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.