English Edition
Dhivehi Edition
"ފަރުމާ- އިންޓަރނޭޝަނަލް ޔޫތް އާޓް ފެސްޓިވަލް 2023" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ޔޫތް މިނިސްޓްރީއާއި، މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ ގުޅިގެން ކުރިއަށް ގެންދާ “ފަރުމާ- އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023” ރޭ ފަށައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލް އަޤްވާމީ އާރޓް ފެސްޓިވަލެވެ. 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފެސްޓިވަލް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ފަންނާނުންގެ ފަންނުވެރިކަމާއި އުފެއްދުންތެރި މަސައްކަތްތައް ދައްކާލުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މި ފެސްޓިވަލް ޢަމާޒުކޮށްފައިވަނީ އެކި ޢުމުރުފުރާތަކަށް ކުރިއަށްގެންދާ ޕްރޮފެޝަނަލް އަދި ޕްރީ ޕްރޮފެޝަނަލް ފަންނާނުންނަށެވެ. އެގޮތުން އެފަރާތްތަށް އެއްތަނަކަށް ގެނެސް، ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ޕްލެޓްފޯމެއް ފޯރުކޮށްދިނުމަކީ މިފެސްޓިވަލުގެ އެއް އަމާޒު ކަމުގައި ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މި ފެސްޓިވަލް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް އަހުމަދު މަޚުލޫފް ވިދާޅުވީ މި ފެސްޓިވަލް ފެށުމާއި އެކު ޔޫތު މިނިސްޓްރީގެ މަސައްކަތަކީ ހަމައެކަނި ރާއްޖޭގައި ފުޓްބޯޅަ ދަނޑުތަކާއި ފުޓްބޯޅަ މުބާރާތްތައް ބޭއްވުން އެކަނި ނޫންކަން ޔަގީން ކޮށްދެވިއްޖެ ކަމަށެވެ. އެގޮތުން ފަންނުވެރިންގެ އެކި ހުނަރުތައް ދައްކާލުމަށް އެކި ކަހަލަ ޕްލެޓްފޯމުތައް ހޯދައިދިނުމަށްޓަކައި އެ މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެށިގެން މިދިޔަ ފެސްޓިވަލުން ސަރުކާރުން ފަންނުވެރިންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރައްވަމުން އަންނަ މަސައްކަތް ހާމަވެގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ފަރުމާ- އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023″ގައި ޖުމުލަ 10 ދާއިރާއަކުން ފަންނުވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ކުރެހުމާއި ޕެއިންޓިން، ފޮޓޯގްރަފީ އަދި ފުޑް އެނޑް ކަލިނަރީ މިއުޒިކުގެ ދާއިރާ ހިމެނެއެވެ. 8 ޤައުމަކުން 80 އަށްވުރެ ގިނަ ފަންނުވެރިން ބައިވެރިވާ މި ފެސްޓިވަލުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ވިއެޓްނާމް، އިންޑިއާ، އުޒްބެކިސްތާން އަދި އީރާން، ސީރިއާ އާއި ލުބްނާންގެ އިތުރުން ޔުނައިޓެޑް ޢަރަބް އެމިރޭޓްސް ހިމެނެއެވެ.