English Edition
Dhivehi Edition
8 މޭ 2023: މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކާއި އިޙްސާސްތަކަށް އިސްކަންދީގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ ސަރުކާރުން ކުރިޔަށްގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިޔަށްގެންދާނެ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޒުވާނުންގެ ތަރައްޤީއަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، މަސައްކަތުގެ މާހައުލަށް ޒަމާނާއެކު އަންނަ ބަދަލުތަކަށް މަސައްކަތްތެރިން ތައްޔާރުކުރުމުގެ ގޮތުން މަތީ ތަޢުލީމާއި ތަމްރީނު ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ދެމެހެއްޓެނިވި ފާގަތި މުސްތަޤުބަލަކަށް މަގުފަހިކުރުމަށްޓަކައި ޒުވާނުންގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމުގައި ރާއްޖެއަށް އެންމެބޮޑަށް ބޭނުންވެފައިވާ ދާއިރާތައް ފާހަގަކުރައްވައި އެ ދާއިރާތަކުން ހުނަރުތައް ތަރައްޤީކުރުމަށް އަމާޒުކޮށް ގިނަ ޕްރޮގްރާމުތަކެއް ފަށާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އެއް އަމާޒަކަށް ކުރިޔަށްގެންދާ ޕްރޮގްރާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ ޤައުމެއްގެ ވެސް ކުރިއެރުން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ރައްޔިތުންނާއި އަދި ޚާއްޞަކޮށް ޒުވާނުންނާއި އަދި ލިބިފައި ހުންނަ ހުނަރުތަކެއްގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން ސިންގަޕޫރުފަދަ ކުރިއަރާފައިވާ ބައެއް ޤައުމުތަކުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު ހޭދައެއްކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް މީހުން ތަމްރީނުކުރުމާއި ތަޢުލީމަށް ބޮޑު ހޭދައެއް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ތެރޭންނާއި ވަޒީފާގެ ބޭރުންވެސް ބޭނުންވާ ހުނަރާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރއާއި ގުޅިގެން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ބޭނުންވާ މިންވަރަށް ޒުވާނުންގެ ތަޢުލީމާއި ހުނަރުތައް ތަރައްޤީކޮށްދިނުމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާންތައް އައު ކުރައްވަމުން ވަނީ މި ޕްރޮގްރާމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ސިއްރަކީ މި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ފަތުރުވެރިންނަށް ދޭ ފުރިހަމަ ޚިދުމަތްތަކާއި އަދާކުރާ މެހުމާންދާރީކަން ވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކުރުމުގެ އިތުރުން 40 ފަރާތަކަށް އެޑްމިޝަން ސެޓްފިކެޓް ހަވާކުރުން ވެސް އޮތެވެ. މެރިއޮޓް އިންޓަނޭޝަނަލް އަކީ ނެޝަނަލް އެޕްރެންޓިސް ޕްރޮގާރާމާއި ގުޅުނު ފުރަތަމަ އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ ބްރޭންޑެވެ. އަދި އެއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް ޕްރޮޕަޓީ އެއް ހިންގަމުން އަންނަ ހޮޓެލް ޗެއިންއެއް ވެސް މެއެވެ.