English Edition
Dhivehi Edition

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އިތުރަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ޓޫރިސްޓުން ރާއްޖެ އަންނަ ގައުމުތަކުގެ ލިސްޓުގެ 6 ވަނައަށް ޗައިނާ ވަނީ ޖެހިލާފައެވެ. އެއީ %4.7 ޙިއްސާއާއިއެކުގައެވެ.

އެ މިނިސްޓްރީން ބުނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2019 ވަނަ އަހަރާއި އަޅާބަލާއިރު %6.4 ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ 640،730 ފަތުރުވެރިންނާއި އަޅާބަލާއިރު %17.5 ގެ ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ މެއި މަހުގެ 5 ގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 667،729 ފަތުރުވެރިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މެއިމަހަށް އެކަނި ބަލާއިރު، މެއި މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2022 ވަނަ އަހަރުގެ މެއި މަހުގެ މިމުއްދަތާއި އަޅާބަލާ %19.9 ދަށްވެފައި ވީނަމަވެސް، 2019 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %3.3 ގެ ކުރިއެރުމެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.