English Edition
Dhivehi Edition
ޗައިނާގެ ސަފީރާއި ރައީސްގެ ބައްދަލުކުރެއްވުން/ފޮޓޯ ރައީސްއޮފީސް

ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން
ބާއްވާ މި ކޮންފަރެންސަކީ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހަރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅުވައިގެން ބާއްވާ ކޮންފަރެންސެކެވެ.

މީގެ މަޤްޞަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމްކޮށް ދެމެހެއްޓުމާއި ގުޅޭގޮތުން ކަނޑައެޅޭ 5 ދާއިރާއަކުން މަޝްވަރާ ކުރުމެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގައި 5 ދައިރާއަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިވެރިންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސްގައި ވިޔަފާރިވެރިން ބައިވެރިވާ ދާއިރާތަކުގެ ތެރޭގައި، ދަނޑުވެރިކަން، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް، ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި، ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރިއާއި،ފަތުރުވެރިކަމާއި ބެހޭ ދާއިރާ ހިމެނެއެވެ.

އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ވިދާޅުވީ، ކޮންފަރެންސްގެ ތެރެއިން މި ދާއިރާތަކުގެ ވިޔަފާރިތަކާއި ގުޅުން ޤާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި ދާއިރާތަކުން ރާއްޖެ ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސްގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށްވަނީ ހުޅުވާލާފައެވެ. އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ވިދާޅުވީ، ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާންއިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށެވެ.

މިކޮންފަރެންސްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 18 ވާ ބުރާސްފަތި ދުވަހު، 14:00 އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު

ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން އެދިފައި ވެއެވެ.

މި ކޮންފަރަންސް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ، 3333181 ނުވަތަ 3333182 އަށް ގުޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައި ވެއެވެ.