English Edition
Dhivehi Edition
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޕޯރޓްސް ލީގަލް ކޮންސަލްޓަންޓަކަށް މުޙައްމަދު ޖައުޝަން ޝަރީފް ހަމަޖައްސައިފިއެވެ.
އޭނާ މި މަޤާމަށް ހަމަޖައްސާފައިވަނީ ކުރިއަށްއޮތް 1 އަހަރުދުވަހުގެ މުއްދަތަށެވެ.
އޭ.އެފް.ސީ ގެ ލީގަލް ކޮމިޓީގެ މެމްބަރުކަމާއި ވޯލްޑް އެންޓި ޑޯޕިންގްގެ އޭޝިއާ އަދި އޯޝަނިއާ ބައްރުގެ ރެޒަލްޓް މެނޭޖްމަންޓް ޕެނަލްގެ މެމްބަރުކަން ވެސް މުޙައްމަދު ޖައުޝަން ޝަރީފަކީ މިވަގުތު ގެންދަވަނީ އަދާކުރައްވަމުންނެވެ.
މުޙައްމަދު ޖައުޝަން ޝަރީފް ވަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ވޭތުވެ ދިޔަ 2022 ވަނަ އަހަރު ޤައުމީ އިނާމް ހާސިލްކުރައްވާފައެވެ.
އޭނާ މި މަގާމަގަށް ހަމަޖަައްސާފައިވާއިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ބެޑްމިންޓަން ސްކޮޑް ޖުމްލަ 14 ކުޅުންތެރިންނާއިއެކު މިހާރުވަނީ އެކުލަވާލާފައެވެ.

ޤައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލައި ތަމްރީނުތައް ފެށިގެން ކުރިއަށްދަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސް އަށް ޚާއްސަކޮށް ގެނެވިފައިވާ ސައުތް ކޮރެއާގެ ހައި ޕާފޯމަންސް ކޯޗުގެ ބެލުމުގެ ދަށުންނެވެ.

މި ސްކޮޑް އެކުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސައުތް ކޮރެއާ ކޯޗުގެ ބެލުމުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

މި ސްކޮޑުގައި ހިމެނުމަށް ހުށައެޅުނު ޤައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ 2 ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅުނު 05 ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ 2 ކުޅުންތެރިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށްއޮތް އޭޝިއަން ގޭމްސް އިން ރަނގަޅު ނަތީޖާއެއް ހާސިލްކުރުމެވެ. އަދި އޭގެ އިތުރުން ވޭތުވެ ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް މިފަހަރުވެސް ހޯދުމެވެ.