English Edition
Dhivehi Edition
އައްޑޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން މުބާރާތެއްގެ ތެރެއިން: ފޮޓޯ/ އޭއޯނިއުސް

އައްޑޫ ސިޓީގައި ބެޑްމިންޓަން ޓްރެއިނިންގ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނޭކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.

އައްޑޫ ސިޓީގައި ބެޑްމިންޓަން ކުރިއެރުވުމުގެ ގޮތުން ސިޓީ ކައުންސިލާއި، އައްޑޫ ސިޓީގައި ބެޑްމިންޓަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަޝްވަރާތަކެއް ކުރެވެމުން އަންނަކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެ އެސޯސިއޭޝަނުން ބުނީ ބޭނުމަކީ އައްޑޫ ސިޓީއަކީ ބެޑްމިންޓަންގެ ވަރުގަދަ ޓްރެއިނިންގ ސެންޓަރަކަށް ހެދުންކަމަށާއި، އޭގެ އަމަލީ މަސައްކަތް އަންނަމަހުގެ ތެރޭގައި ފަށާނެކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން އެސޯސިއޭޝަނުން އެލަވަންސްދޭ ކޯޗެއް އައްޑޫ ސިޓީގައި ހަރަކާތްތެރިވާނެކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސައުތް ރީޖަނަލް ބެޑްމިންޓަން އެސޯސިއޭޝަނެއްވެސް އައްޑޫ ސިޓީގެ ޞަރަހައްދުގައި ޤާއިމްކުރައްވާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު އަންހެނުންނަށް ހާއްސަކޮށްގެން ވިމެން އިން ބެޑްމިންޓަން އަދި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ޕެރެބެޑްމިންޓަންގެ ހަރަކާތްތައް މިއަހަރުގެ ތެރޭގައި ތައާރަފް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.