English Edition
Dhivehi Edition

އަޅުގަނޑުމެންގެ މިއަދުގެ ހާލަތައް ބަލާއިރު، ހުކުރު ދުވަހުގެ މާތްކަމާއި އެދުވަހުގެ މުހިންމުކަން އެނގި އިޙުސާސް ކުރެވެނީ މަދު ބަޔަކަށެވެ. މިކަން އެނގި ސާފުވެގެންދާ އެންމެ ބޮޑު އެއް ހެއްކަކީ ހުކުރު ދުވަހުގެ ޚުތުބާ ނިމޭވަގުތައް މިސްކިތަށް ހުކުރަށް ދާ މީހުންގެ އަދަދު ގިނަކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ނޫނީ އަވަހަށް ހުކުރަށް ގޮސް ކުރީ ސަފައިން ޖާގައެއް ލިބޭތޯ މަސއްކަތެއް ނުކުރެއެވެ. އެ ދުވަހުގެ މަތިވެރިކަމާއި މާތްކަން ނޭންގެނީބާވައެވެ. ނުވަތަ އެދުވަހުގެ މާތްކަން އެނގުނު ނަމަވެސް އެކަން އެގޮތައް ކުރަން ބޭނުން ނުވަނީ ބާވައެވެ.

ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް އަދި އެންމެ މަތިވެރި ދުވަހެވެ. މުޅި ހަފްތާގައި ވެސް ކުރެވޭ އެންމެ މާތް އަޅުކަމަކީ ހުކުރު ދުވަހުގައި ކުރެވޭ ހުކުރު ނަމާދެވެ. އެހެން ކަމުން މި ނަމާދުގެ ފުރިހަމަކަން ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ހުކުރު ދުވަހު ވީހާވެސް އަވަހަށް ހުކުރަށް މިސްކިތަށް ދިއުމަށް މާތް ނަބިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އަވަހަށް ހުކުރަށް ދާ ފިރިހެނުންނަށް ލިބިގެންދާނެ އަޖުރާއި ސަވާބުގެ ބޮޑުކަމުގެ ވާހަކަވެސް ނަބިއްޔާ ވަނީ ހަދީޘްކުރައްވަވާފައެވެ.

މާތް ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭގޮތުގައި ހުކުރު ދުވަހު ހުކުރު ނަމާދު ކުރެވޭ މިސްކިތްތަކުގެ ދޮރުކޮޅުތައް މަތީގައި މަލާއިކަތް ބޭކަލުން ތިއްބަވައެވެ. އަދި އެބޭކަލުންގެ މަސައްކަތަކީ ހުކުރަށް އަންނަ މީގުން ތަރުތީބުން އެބޭކަލުންގެ އަތުގައި އޮންނަ ފަތްފުއްތަކުގައި ލިޔުއްވަމުން ގެންދިއުމެވެ.

އެގޮތުން ހުކުރު ދުވަހުގެ އެންމެ ފުރަތަމަ ވަގުތުގެ ތެރޭގައި ހުކުރަށް ދާމީހުންނަށް ޖަމަލެއް ގުރުބާން ކުރީމަ ލިބޭހާ ސަވާބު ލިބެއެވެ. އަދި ދެވަނަ ވަގުތުގައި ހުކުރަށް ދާ މީހުންނަށް ގެރިއެއް ގުރުބާން ކުރީމަ ލިބޭހާ ސަވާބު ލިބޭކަމަށް މާތް ނަބިއްޔަަގެ މަސްފުޅުތަކުން އެނގެއެވެ. އަދި ތިންވަނަ ވަގުތުގައި ހުޖުރަށް މިސްކިތައް އަންނަ މީހުން ބަކަރިއެއް ގުރުބާން ކުރުމުން ލިބޭ ސަވާބު ލިބޭކަމަށްވެއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން