English Edition
Dhivehi Edition

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަނގަލަދޭޝްގެ ރައްޔިތަކު ހޯދަމުން އަންނަ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ ސައީދުލް އިސްލާމްއެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގިކަމަށެވެ. އެކަމަކު ކުޑަކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު ސައީދުލްއަށް ކުރެވޭ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ ހޯދަން އިއުލާންކޮށްފައި ވަނީ އޭނާ އުޅޭ ވަކި ތަނެއް ނޭނގޭތީ ކަމަށް ފުލުހުން ބުންފައިވެއެވެ.

ފުލުހުންގެ އިއުލާނުގައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށެވެ. އަދި އޭނާ ހާޒިރުވާން އަންގާފައި ވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށެވެ.