އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތްކުރައްވައިފިއެވެ. އިއްޔެ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ސަފީރަށް އައްޑޫސިޓީ ކައުންސިލް ތައާރަފް ކުރުމާއި އަދި އައްޑޫއާއި ބެހޭ ކުރު ތައާރަފެއް އެރުވުން އޮތެވެ. މީގެ އިތުރުން ކައުންސިލްގެ މިހާރުގެ މަސްއޫލިއްޔަތު ތަކަކީ ކޮބައި ކަމާއި ކައުންސިލްގެ ދައުރު ފުރިހަމަ އަށް އަދާކުރުމަށްޓަކައި ކައުންސިލުން އެދޭ ކަންތައްތަކެއް ވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ސަފީރަށް އެރުވި އެވެ. އަދި ކައުންސިލްގެ ތަސައްވުރާއި ހާސިލް ކުރެވުނު ކަންކަމުގެ މައުލޫމާތު ވެސް ސަފީރާ ވަނީ ހިއްސާ ކޮށްފައެވެ. ކައުންސިލާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ކެޝަޕް ވަނީ އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީ އާއި ވެސް ބައްދަލުކޮށްފައެވެ. އެމެރިކާގެ ސަފީރު އައްޑޫއަށް ޒިޔާރަތް ކުރެއްވި އިރު ނިމިގެން ދިޔަ މޭއި މަހު އިނގިރޭސި ސަފީރު ވަނީ އައްޑޫއަށް ޒިޔާރަތްކޮށް ކައުންސިލާއި ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ. .