English Edition
Dhivehi Edition

ކެންސަރުފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޚާއްޞަ ފަންނުވެރިން ބޭނުންވާތީ އެފަންނުތަކަށް ވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެކަމަށް ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ފައިޒަލް ވިދާޅުވި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް ވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީފައިވާނެ ކަމަށެވެ. އަދި މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ ފަންނުތަކުގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެ ކަމަށާއި ޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

“ކެންސަރުފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޙާއްޞަ ފަންނުވެރިން ބޭނުންވާތީ އެފަންނުތަކަށްވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ. އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް ވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި ވާނީ އިސްކަންދީފަ،” ޑރ. ފައިޒަލް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓަރގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސަރވިސްގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއެކެވެ.

މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި އައި.ޖީ.އެމް.އެޗް. ގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖެވެނަލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ޞިއްޙީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޞިއްޙީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.