ފަތުރުވެރިން ގޮވައިގެން ދިޔަ ފުރަތަމަ ފްލައިޓް ފަރެސްމާތޮޑާ އެއަރޕޯޓަށް ޖައްސައިފިއެވެ.
މޯލްޑިވިއަން ގެ މި ފްލައިޓު އެ އެއަރޕޯޓަށް ދިޔައީ ގދ. އަތޮޅުގައި އޮންނަ އަޔާރޑާ ރިސޯޓަށް ދިޔަ ފަތުރުވެރިން ގޮވައިގެންނެވެ.
މޯލްޑިވިއަން ގެ މި ފްލައިޓަކީ ޗާޓަރ ފްލައިޓެކެވެ. އަދި މި ފްލައިޓުން ދިޔަ ހުރިހާ ފަތުރުވެރިންނަށް ފަރެސްމާތޮޑާ އެއަރޕޯޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިއަހަރުގެ މާރޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
ޓެސްޓު ފްލައިޓު މާރޗު 13 ވަނަ ދުވަހު މެންދުރުފަހު 3:45 ގައި ޖެއްސިއިރު، ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމާއި އެކު އެއަރޕޯޓު ސަރަހައްދުން ގެސްޓުހައުސް ހެދުމަށް ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ.
އެރަށު ފަޅުން ކުދި ރަށްތަކެއް ހިއްކައިގެން ހަދާފައިވާ މި އެއަރޕޯޓް އޮންނަނީ މީހުން އުޅޭ ސަރަޙައްދާ ކޮންމެވެސް ވަރަކަށް ދުރުގައެވެ.
އެހެންކަމުން އެއަރޕޯޓް ހިމެނޭ ސަރަޙައްދުގައި ގެސްޓްހައުސްތައް އަޅައިިފިނަމަ ރިސޯޓްތަކުން އަންނަ ފަތުރުވެރިން މަޑުކޮށްލުމަށާއި އެހެނިހެން ބޭނުންތަކުގައި އަންނަ މީހުންނަށް ވެސް ތިބުމުގެ ފުރުޞަތު ލިބި، އަދި އެރަށުގެ އިޤްތިޞާދަށް ވެސް އޭގެ މަންފާ ކުރާނެއެވެ.
ދިގުމިނުގައި 1،200 މީޓަރުގެ ރަންވޭ އަކާއި އޮޑިހަރުގެ ނަމޫނާއަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޓަރމިނަލަކާއެކު ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީކުރަން ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.